އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑުޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްއާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. މިއެއްބަސްވުން ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ ޖީއެމްއާރާއި ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު 27 ނޮވެމްބަރު 2012 ގައެވެ. އަލުން އެއާޕޯޓާ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވީ 7 ޑިސެމްބަރު 2012 ގައެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 271 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.17 ބިލިއަން ރުފިޔާ ދެއްކުމަށް މައްސަލަ ބެލި ޓްރައިބިއުނަލްއިން ދިވެހި ސަރުކާރުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މިނިސްޓަރ އަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ، އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަންއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށެވެ.

މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައިކަމަށެވެ.

ޖީއެމްއާރާއެކު ކުރިއަށް ނުދިޔުމުން 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދިޔަ އިރުވެސް ދަނީ ކުރަމުންކަން މިނިސްޓަ އަމީރު ފާހަގަކުރެއްވިއެވެ.

ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރުކަމަށާއި، އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކާއި، އެތަށް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.

2014 ވަނަ އަހަރަށް އެއާޕޯޓް ތަރައްގީކޮށް ނިންމުނު ނަމަ، އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއި އެކުގައިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.