މާލޭގެ ޕްރީސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރަކަށް އެ ސްކޫލުގެ މުވައްޒަފެއް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން އެ މުވައްޒަފު ވަޒީފާއިން އެކަހެރި ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާ ލިބުމާއެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމިނިސްޓްރީން ބަލަމުން ގެންދާ ކަމަށެވެ.

އަދި، އެމައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މައްސަލަ ބަލައި ނިމެންދެން މި މައްސަލަ ރައްދުވާ ފަރާތް ހުންނާނީ ސަސްޕެންޑްކުރެވިފައި ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ އެމައްސަލަ ތަހުގީގީ އިދާރާތަކާއި ހިއްސާކޮށްގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ ހަތަރު އަހަރުގެ އަންހެން ކުއްޖެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި، އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެކުއްޖާ ފާހާނާއަށް ދިޔަ ވަގުތު، އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި، އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށާއި، އެކަމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.