އިގްތިސާދާ އެއްވަރަށް ވެލާނާ އިންޓްނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގުޅިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރް އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވުމާއި ގުޅިގެން، އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، މެމްބަރު ޝިޔާމް ވިދާޅުވީ، އެއީ ބޮޑުތަނުން ރާއްޖެ ދަރުވާލާފައި، ލާރިކޮޅެއް ހޯދުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏަކަށް ދިވެހިންގެ މައި ދޮރާށި ދިނުމުގެ ނުބައި ވިސްނުން ކަމަށެވެ. އަދި މިނިސްޓަރު އަމީރު ލައްވައި ޓްވީޓު ކުރުވަނީކޮން ކަމެއްގެ އަޖުމަ ބަލަންތޯ އައްސަވާ، މެމްބަރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ސުވާލު އަމާޒުކުރައްވާފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ޖީއެމްއާރާއެކު ކުރިއަށް ނުދިޔުމުން 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް 7 އަހަރު ވެގެން ދިޔަ އިރުވެސް ދަނީ ކުރަމުންކަމަށެވެ. 2014 ގައި ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް ނިންމުނު ނަމަ، ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި، އެއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރުކަމަށާއި، އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކާއި، އެތަށް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރަށް ދިގުމުއްދަތަކަށް އެއަރޕޯޓު ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއަށްފަހު 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.