އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާއާއި، ގެއްލުނު 4 ކުޑަކުއްޖާގެ ފޮޓޯއާއި މަންޒަރު ގެނެސް ނުދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން އެދިއްޖެއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވަނީ 16 އޮކްޓޯބަރު 2021ވީ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާއާއި އޭނާގެ 4 އަހަރުގެ ދަރިފުޅުގެ ޚަބަރާއި މައުލޫމާތު ޝާއިޢު ކުރުމުގައި، ފޮޓޯއާއި މަންޒަރު ނުހިމެނުމަށް އެދިފައެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ ހިތާމަވެރި މި ދަނޑިވަޅުގައި އާއިލާއަށް އިތުރަށް ހިތާމަ ލިބޭގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު މަންޒަރާއި ފޮޓޯ ނުހިމެނުމަށް އާއިލާއިން އެދޭ ކަމަށެވެ. ފޮޓޯ އާއި މަންޒަރު ހިމެނުމުން އާއިލާއަށް އިތުރު ހިތާމަ ލިބޭނެ ކަމަށެވެ.

ހިތާމައާއި މާޔޫސްކަމުގެ ހާދިޘާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުން ފިލުވައި އަދި ޝާއިޢު ކުރާނީ އެހިތާމައެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އަދި މިކަން ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު ބަޔާންކުރާ "ކޯޑް އޮފް އެތިކްސް"ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަން ހަނދާން ކޮށްދޭ ކަމަށާއި ނޫސްވެރިކަމުގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު ހިފެހެއްޓުމަށްވެސް އިލްތިމާސްކުރާކަމަށް އެމްއެމްސީގެ ބަޔާނުގައިވެއެވެ.

އެމްއެމްސީން ބުނީ މި ހިތާވެރި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހެޔޮ ހާލުގައި ހުއްޓާ ފެނުމަށް އެދި ދުއާ ކުރާކަމަށެވެ.

މި ފުން ހިތާމާއިގެ މީޑިއާ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވެ އެ މަރުހޫމުގެ ފުރާނަޔަށް ހެޔޮ ރަހްމަތް ލައްވާ އާޢިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާކުރާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.