ފިލްމް ފޯ ޗޭންޖު ކްލައިމެޓް އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ފިލްމް ފޯ ޗޭންޖް ކްލައިމެެޓް: ކްލައިމެޓް އެޑިޝަން އަކީ ޔޫއެންޑީޕީ ރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަގްސަދަކީ ޒުވާނުން ބާރުވެރިކުރުވާ ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ.

އަދި މިކަމުގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަށް ދަސްވެގެންދާނެ ކަމަށްވެސް ޔޫއެންޑީޕީން ބުނެއެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބައެއް ކަމަށް ޔޫއެންޑީޕީން ބުންޏެވެ.

ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށާއި އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެއެވެ.

މިއީ އދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެކެވެ.

ބައިވެރިންގެ ފިލްމްތައް އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދައްކަން ނިންމާފަވާއިރު މި ފިލްމްތައް އެކިއެކި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދެއްކުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ.

ޔޫއެންޑީޕީން ބުނީ، މި ޕްރޮޖެކްޓްގައި 18 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.

މީގެތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާނީ 30 ފަރާތެއް ކަމަށާއި މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް އިތުރަށް އިލްތިމާސްކުރާ ކަމަށް ޔޫއެންޑީޕީން ވަނީ ބުނެފައެވެ.

ބަައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށް ކަމަށްވެސް ޔޫއެންޑިޕީން ބުނެއެވެ.

ފިިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފަވާއިރު ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޫބަރު 2021 އެވެ.