ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބާއްވާ "އެމްއެންޔޫ ފޮތް މައުރަޒު" ހުޅުވައިފިއެވެ.

މި ފޮތް މައުރަޒު ހުޅުވާދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

މިމައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 09:00 ން 12:00 އަށް، 14:00 ން 18:00 އަށް އަދި 20:00 ން 22:00 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ.

މި މައުރަޒު ކުރިއަށްދާއިރު ކޮންމެ ދުވަހެއްގެވެސް ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށްވެސް އެމްއެންޔޫއިން ބުނެއެވެ.

މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މިފޮތް މައުރަޒުގައި ތަފާތު 9 ފަރާތަކުންނާއި އަދި ގައުމީ ޔުނިވަރސިޓީން 1300 އަށްވުރެ ގިނަ ފޮތް ވިއްކުމަށް ބަހައްޓާފައިވެއެވެ.

މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެއް ކަމަށް ގައުމީ ޔުނިިވަރސިޓީން ބުނެއެވެ.

މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ.