ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރައްވަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދަނބިދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ނައިބު ރައިސް ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.

އަދި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިއަނުދިނުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރައްވަންވާނެ ކަމުގައި ނައިބު ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ނައިބާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ކައުންސިލަށް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމާއި ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ހުރިހާ އުމުރުފުރައަކަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްގެ ބޭނުން ޖެހިފައިވާކަމުގައި ކައުންސިލަރުން އެމަނިކުފާނުގެ އަރިހުގައި ދެންނެވިއެވެ.

ކައުންސިލަރުން އިތަރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން ނައިބު ރައީސްއާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މައުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށާއި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.