ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނީ ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކަށް ރީނދޫ އެލާރޓް ނެރެފައިވާ ކަމަށެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވިރު 4:30 އިން މިރޭ 22:30 އަށެވެ.

އަދި ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ހިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުން ކަމަށާއި އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރަކަށް ވުމުން، މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ މީހުން ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އެދެއެވެ.

މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި އެމްއެންޑީއެފުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.