ކަނޑު ދަތުރުފަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަން އިލްތިމާސްކުރި ނަމަވެސް، ލައިފްޖެކެޓް އަޅަން ލާޒިމްވާ ގަވާއިދެއް ނުވަތަ އުސޫލެއް މިހާތަނަށް އެކުލަވާލާފައެއް ނުވެއެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގެ އަޑު ދޭތެރެ ދޭތެރެއިން އިވޭއިރު، އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އަޅަން ލާޒިމްވާ ގޮތަށް ގަވާއިދު ބަދަލުކޮށް އެ އިސްލާހުތައް ގެޒެޓް ކުރުމަށް މީގެ ދެ އަހަރު ކުރިން ވަނީ ލަފާދީފައެވެ.

ނަމަވެސް، އެކަން އަދިވެސް އޮތީ ކޮޅެއްގައި ނުޖެހިއެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު އިއްޔެ ހަވީރު ކ.މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ރާޅެއް އަރައި ހިނގި ހާދިސާގައި ވަނީ ފުރާނައެއް ގެއްލި ތުއްތު ކުއްޖަކު ކަނޑުމައްޗަށް ގެއްލިފައެވެ.

ދަތުރުކުރަމުން ދިޔަ ލޯންޗަށް ރާޅުއަރައި އޭގެން ދަތުރުކުރަމުން ދިޔަ މަރިޔަމް ނާހިދާ އާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު މޫދަށް ވެއްޓިފައިވާއިރު، ނާހިދާ ވަނީ އޭނާގެ ދަރިފުޅު ސަލާމަތްކުރުމުގެ ތެރޭގައި ނިޔާވެފައެވެ. ނާހިދާގެ 4 އަހަރުގެ ދަރިފުޅު ކަނޑަށް ގެއްލިފައިވާއިރު، އެކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އެމްއެންޑީއެފް ކޯސްޓް ގާޑުން ދަނީ ކުރަމުންނެވެ.

މި ހާދިސާއާއި ގުޅިގެން ލައިފްޖެކެޓްގެ ވާހަކަ އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.

މިފަދަ ހިތްދަތި އިތުރު ހާދިސާއަކަށް ބަލާލާއިރު 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލާ 4 މީހަކާއި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގަމުންދާ ނުރައްކާތެރި ހިތާމަވެރި ހާދިސާތައް މަދުކުރަންޖެހޭ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައިވެއެވެ.

ލައިފް ޖެކެޓު އެޅުން ލާޒިމުކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ޓްރަންސްޕޯޓް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. އެގޮތުން، ލައިފް ޖެކެޓު އެޅުން މަޖުބޫރުވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް އެއީ ކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖެއްސުމާ މެދު ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ދެ އަހަރު ކުރިން ހިނގި އެހާދިސާ އާއި ގުޅިގެން "ސާރޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީ" އިން ކަނޑުދަތުރުކުރާއިރު މޫސުމީ އެލާޓްތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅައި، ކަނޑު ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކުރަން ލަފާދީފައިވެއެވެ.

އޭގެތެރޭގައި ވަކި ސައިޒެއްގެ އަދި ވަކި ބާވަތްތަކެއްގެ އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކުރުމާއި ބައެއް ހާލަތްތަކުގައި ބައެއް އުޅަނދުތައް ދަތުރުކުރުން މަނާވުން ވެސް ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް އަދި ފުލުހުން ވެސް ހިމެނޭ އެ ކޮމިޓީން ގަވައިދުގައި ހިމަނަންވީ ކަންކަން ޑްރާފްޓް ކުރުމަށް ފަހު ގެޒެޓު ކުރުމަށް އެ ދުވަސްވަރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައި ވީނަމަވެސް، މިއަދާ ހަމަޔަށް އައިއިރުވެސް ގަވައިދު ގެޒެޓު ކޮށްފައެއް ނުވެއެވެ.

ސާޗް އެންޑް ރެސްކިއު ކޮމިޓީން ރެކޮމެންޑޭޝަންތަކުގައި، މޫސުމީ އިންޒާރުތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އަޅަން މަޖުބޫރުކުރުން ހިމެނެއެވެ. މީގެއިތުރުން، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމާއި ރެޑް އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހުއްދަ ލިބިގެން ދުއްވާ އެމަޖަންސީ އުޅަނދުފަހަރު ނޫން އެހެން އެއްވެސް އުޅަނދެއް ދުއްވުން މަނާކުރަންވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

ލައިފް ޖެކެޓު އެޅުމަށް ބާރުއަޅައި އޭރު ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާންތައް ކުރި ކަމުގައި ވީނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް އޮތީ ކީއްވެތޯ ސުވާލު އުފެދެއެވެ.

މިފަދަ ގަވާއިދު ތަކާއި އުސޫލުތައް ގެޒެޓްކުރެވި، މި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެވޭތަން ފެންނަނަމަ އިއްޔެ ހިނގާދިޔަ ހާދިސާ އާއި އެފަދަ އެހެން ހާދިސާތައް މަދުކުރުމަށް ބާރަކަށް ވެގެން ދާނެކަން ޔަގީނެވެ.