އދ. ހަންޏާމީދޫ އަށް ފުޓްސަލްގެ ޢީދެއް ގެނުވި "ވިވާ ބީޗް އެންޑް ސްޕާ ހަންޔާޒް ކަޕް 2021" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޖުމްލަ 5 ޓީމު ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2020 ވަނަ އަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ސްލެޔާސް އެވެ.

ފައިނަލް މެޗުގައި ސްލެޔާސް އާއި ދެކޮޅަށް ނުކުތީ ކުރީ މުބާރާތުގައިވެސް ރަނަރަޕް ކަން ހޯދި ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ އެވެ.

ޗެމްޕިއަންކަން ނުލިބުނު ނަމަވެސް ގޮންޖެހުންތަކަކާއެކު ޔޫ.ވީ.ޔޫ.އެޗް.ޑީ ވަނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޓީމަށް ގެނައި ރަށުން ބޭރު ކުޅުންތެރިޔާ އާއި ގޯލް ކީޕަރަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ފައިނަލް މެޗުގައި އެޓީމު ކުޅުނީ ގިނަ ބަދަލުތަކަކައި އެކުއެވެ.

ޗެމްޕިއަންކަން ހޯދި ސްލެޔާސްގެ ފަރާތުންވެސް ތަފާތު މޮޅު ކޮޅުމެއް ފެނިގެންދިޔައ ފައިނަލް މެޗުން އެޓީމު މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ސްލެޔާސް އަށް ލީޑުނަގައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 8 އަހްމަދު ރިއުޝާން އެވެ. ދެވަނަ ލަނޑު އަލީ މުނާޒް ކާމިޔާބުކޮށްދިން އިރު އަނެއް ތިންލަނޑު ސްލެޔާސް އިން ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޝިފާއު އާދަމް އާއި މުހަންމަދު ތޮލްހަތުގެ އިތުރުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ރިއުޝާން އެވެ. ފައިނަލަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ރިއުޝާން އެވެ.

މެޗަށްފަހު ވީނިއުސް އާއި ވާހަކަދައްކަމުން ރިއުޝާން ބުނީ ޗެމްޕިއަންކަން ހޯދީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި މުޅި ޓީމަށް ޝުކުރު ހައްގު ކަމަށެވެ.

މުބާރާތުގެ ވަނަތައް:

މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ ނުވަތަ ޓޮޕް ސްކޯރަރގެ ޝަރަފު ހޯދާފައިވަނީ އެފްސީ ސްލެޔާސްގެ އަލީ މުނާޒް (ބޮޑެކްސް) އެވެ. އޭނާ ވަނީ ޖުމްލަ 18 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ސަޕޯޓަރުން ތިބި ޓީމަކަށް ހޮވިފައިވަނީ ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ އެވެ.

ޓޮޕް ސްކޯރަ މުނާޒް (ކ) އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ރިއުޝަން (ވ)

އެންމެ މޮޅު ފަސް ކުޅުންތެރިން:

  • އަހްމަދު ޝާން (އެފްސީ ސްލެޔާސް)
  • މިންދާދް އަބްދުލް ހަސީބް (ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ)
  • އަލީ މުނާޒް (އެފްސީ ސްލެޔާސް)
  • ހުސެއިން އަފްޒަލް (ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ)
  • އަހްމަދު ރިއުޝާން (އެފްސީ ސްލެޔާސް)
  • މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ޗެމްޕިއަންކަން ހޯދާ ޓީމަކަށް 20،000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ލިބުނު މިމުބާރާތް އޯގަނައިޒް ކުރި ފަރާތް ކަމުގައިވާ އަބްދުލް ހަކީމް ވީނިއުސް އާއި ވާހަކަދައްކަމުން ބުނީ ފާއިތުވީ އަހަރެކޭ އެއްފަދައިން މިފަހަރުގެ މުބާރާތްވެސް ކާމިޔާބު ކަމާއެކު ނިންމާލެވުމުގެ އުފާ ލިބިގަންނަ ކަމަށާއި، މިހާ ކާމިޔާބުކަމާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިން ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. އެގޮތުން މުބާރާތުގެ މެއިން ސްޕޮންސަރ، ވިވާ ބީޗް އެންޑް ސްޕާ އާއި ކޯ ސްޕޮންސަރުން، މީޑިއާނެޓާއި އަރި ކުއީންގެ ނަން ހަމީދު ފާހަގަކުރިއެވެ.

މީގެއިތުރުން ހަކީމް ބުނީ އަމާޒަކީ މުބާރާތުގެ އަގު ބޮޑުކޮށް، ކޮންމެއަހަރަކުވެސް މުބާރާތް ބޭއްވުން ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތް ރަށުގެ ޓީމުތަކުގެ އިތުރުން އަތޮޅުތެރެއިން ޓީމުތަކަކަށް ޖާގަދީގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހަކީމް ފާހަގަކުރިއެވެ،

މުބާރާތް އޯގަނައިޒް ކުރި ފަރާތް އަބްދުލް ހަކީމް
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮންޓިނިއަސް ކޮށް މިމުބާރާތް ކުރިއަށް ގެންދަން. އަދި ކުރިއަށް އިތް މުބާރާތުގައި އަތޮޅުތެރޭގެ ޓީމުތަކަށް ފުރުސަތުދިނުމުގެ ވިސްނުންވެސް އެބަ ގެންގުޅެން. އުންމީދުކުރަނީ މިއަށްވުރެ ބޮޑު ފައިސާގެ އިނާމަކާއެކު މިއަށްވުރެ ފުރިހަމަކޮށް ދެން އަންނަ މުބާރާތެއް ކުރިއަށް ގެންދިއުން".
އަބްދުލް ހަކީމް

މި މުބާރާތުގެ ޓޮޕް ސްކޯރަރ ގެ މަގާމާއި އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު މުނާޒް (ބޮޑެކްސް) ބުނީ ޓޮޕް ސްކޯރަރ ގެ މަގާމަކީ އޭނާ އެކަނި ކުރި މަސައްކަތުން ލިބުނު އެއްޗެއް ނޫން ކަމަށާއި އެއީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރަނަރަޕް ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަމުން ރަނަރަަޕް ކަން ހޯދި ޓީމުގެ މެނޭޖަރ މުޅި މުބާރާތުގައިވެސް އެންމެ ބޮޑު ޗެލެންޖަކަށްވީ ފައިނަލް މެޗުގައި އިދިކޮޅަށް ނުކުތް އެފްސީ ސްލެޔާސް ކަމަށެވެ. އަދި އެއީ ހަމައެކަނި މިމުބާރާތުގައި ނޫން ކަމަށާއި މިދިޔަ އަހަރުގެ މުބާރާތުގައިވެސް ކަންވީ އެހެން ކަމަށެވެ. އެހެންނަމަވެސް ގޮންޖެހުން ތަކާއެކުވެސް ޔޫ.ވީ.ޔޫ.އެޗް.ޑީގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާކަމަށްވެސް މެނޭޖަރ ބުންޏެވެ.

ޔޫ.ވީ.ޔޫ.އެޗް.ޑީގެ މެނޭޖަރ

ޗެމްޕިއަންކަން ހޯދި ސްލެޔާސް ޓީމުގެ ކޯޗް ބުނީ ދެވަނަ ފަހަރަށް މިހޯދި ތަށްޓާއެކު ތިންވަނަ ފަހަރަށް އައު ހިތްވަރެއް ލިބިފައިވާ ކަމަށާއި ތިންވަނަ މުބާރާތަށް ނުކުންނާނީ މިއަށްވުރެވެސް ވަރުގަދަ ޓީމަކާއެކު ތަށި މިލްކު ކުރުމުގެ އަޒުމުގައި ކަމަށެވެ.

ސްލެޔާސް ޓީމުގެ ކޯޗް

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ. ވީމީޑިއާގެ ވީޓީވީން ވަނީ މި މުބާރާތުގެ ފައިނަލް މެޗު ވަގުތުން ގެނެސްދީފައެވެ.