އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގްރޭޑް 12 ނިންމި އިމްތިހާނުތަކުން ވަނަވަނަ ލިބުނު ދަރިވަރުން އިހްތިފާލުކުރުމަށް ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމއިްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ހަފްލާގައި ތިބި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ،އެންމެ ހުނަރުވެރި ކުދިން މުދައްރިސުންނަށް ވުންކަން ފާހަގަކުރައްވާފައެވެ.

އަދި އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށާއި އެއީ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް އެ ކުދީންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ތަމްރީނުން ނުކުންނަ މުދައްރިސުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވާނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް. ފަށުވި ފޭރާމެއް ނުވިޔެވޭނެ. މޮޅެތި މުދައްރިސުން ތަޢުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަގްބަލްގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބުގޮތް. މި ދަރިވަރުން މިހާހިސާބަށް ގެނައުމަށްޓަކައި ތިޔަ ބެލެނިވެރިން އެތައް ރެއެއްގެ ނިދި ނަގާލާ، އެތައް މަސައްކަތްތަކެއްކޮށް އެތައް ގުރުބާނީތަކެއް ވެފައިވޭ. ތިޔަ ބެލެނިވެރިންގެ ލޮލުގެ ކޮއިފަދަ ދަރިން ކޮންމެ އިމްތިހާނެއްގައި ރަނގަޅު ނަތީޖާ ހޯދާތޯ ކޮށްދެވެންހުރި ހުރިހާ މަސައްކަތްތަކެއް ތިޔަ ދަނީ ކޮށްދެއްވަމުން."
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދި ބަޔަކަށް ހަދަންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ދަރިންދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރާފާނެތީ އެކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ކޮންމެ ކުއްޖަކުވެސް މައިންބަފައިންނާއި ވަކިން ދިރި އުޅޭނެ ދުވަހެއް އަންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކުދިންނަށް މާއްދާތަކުން ލިބުނު ގްރޭޑަށްވުރެ މުހިއްމުވެގެން ދާނީ އުނގެނުނުތަކެއްޗާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ކަންކަމުގައި ގޮތްނިންމުމުގެ ހުނަރުތައް ފަދަ ހުނަރުތައް ކަން ފާހަގަކުރައްވާފައެވެ.

މިރޭ މި މަހެފިލުން އަޅުގަނޑުމެންނަށް މި ފެންނަނީ ކިޔެވުމުގެ ރޮގުގައި ވިދާ ބަބުޅާ އަލިގަދަ ތަރިތަކެއް. އަޅުގަނޑުމެންގެ ސްކޫލުތަކުގައި އެކި ރޮނގުރޮނގުން ވިދާ ބަބުޅާ އެތައް ތަރިތަކެއްވޭ. ކިޔެވުމުގެ ރޮނގުން އަރުތަވެރިން ފާހަގަކުރާ ބީދައިން އެފަދަ ދަރިވަރުންގެ ހުނަރުތަކާއި ގާބިލިއްޔަތުވެސް އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭ. އަދި ކޮންމެ ކުއްޖެއްގެ ޝައުގު ދެނެގަނެ އެ ދާއިރާއަކުން އެކުދިން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ."
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އަދި ޢިލްމު އުނގެނުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ ތިމާއަށް މާ ގިނަ ތަކެތި އެނގޭކަމަށް ހީވުން ކަމަށާއި މިކަމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިލްމު އުނގެނުމަށް އޮތް މަގަކީ އެނގޭ މިންވަރު ވަރަށް މަދުކަމުގައި އަބަދުވެސް ދެކި އަބަދުވެސް އައު ކަންކަން ހޯދާ ދަސްކުރުމަށް ޝައުގު ބެހެއްޓުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ކާމިޔާބު ކުދިންކަމަށް ވެފައިވަނީ، އެ ކުދީން ހޯދި ޢިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ލިއްބައިދިން ކުދީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.