ރާއްޖޭން 77 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ހޮނިހިރު ހަވީރު 6:00 އިން ފެށިގެން އާދީއްތަ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،210 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 77 ސާމްޕަލް ކަމަށެވެ.

ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1302 ސާމްޕަލްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 25 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 37 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 9 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 77 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 86،165 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 40 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 84،627 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،287 ގައެވެ. މީގެތެރެއިން 12 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 238 އަށް އަރާފައެވެ.