މިއަދު ފެންނަމުން މިދަނީ، ތައުލީމީ މަރުޙަލާތައް ނިންމައިލުމަށް ފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ، ތަޢުލީމީ މަރުހަލާތައް ނިންމައިލުމަށް ފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށާއި ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ހާސިލުކުރުމަށްޓަކައި، ތަޢުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވޭތީ ކަމަށެވެ.

އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްކީކުރަންކަން ފާހަގަކުރައްވާ ރައީސް ވަނީ ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި، މުސާރައިގެ ފުރުސަތުތައް، ދަރިވަރުންގެ ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ތިޔަކުދިންގެ ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްގީ ކުރުމަށް. އަޅުގަނޑުމެން މި ކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާނީ، ވަކި ތައްގަނޑަކަށް ގައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާގޮތަށް، ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްގީއާއި ކުރިއެރުން ހާސިލުކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

މިއީ މުދައްރިސުންނާއި ބެލެނިވެރިންނާއި މައިންބަފައިންވެސް ވިސްނަންޖެހޭ ކަމެއް ކަމަށާއި ކުދިންނަށް ކިޔަވައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ބެލެނިވެރިން އެކުރައްވަނީ ތަޢުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްގީކޮށްދެއްވުމަށާއި އެމަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުދިންނަށް އެންމެ ރަނގަޅު ތައުލީމެއްދީ، ރިވެތި އަޚްލާގީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންކަން ގަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާ. ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާ. މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން. މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު. މުދައްރިސުން އެ ކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ. ކުރިއަށް އޮތް ދުވަހަށް ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރެއްވުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާ. ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގައި، ކުޅިވަރު ދަނޑުތަކާއި، އެނޫން ކިތަންމެ ތަނެއްގައިވެސް މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

މީގެ އިތުރަށް ރައީސް ވިދާޅުވީ މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، މިބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭ ކަމަށާއި ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން ކަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރ މުސްތަފާ ލުތުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުސްތަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލައްވަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި، 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތައުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިހްތިރާމާއި ގަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްސީލީ ކަރުދާހެއް އަޅުގަނޑާ ހިއްސާކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަސްދު ކުރަނީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ، މުސްތަފާ އެ ވިދާޅުވިގޮތަށް އިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ، އިސްލާމީ ސައްޚަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ދިވެހި ގައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

އަދި އުންމީދަކީ، 21 ވަނަ ސައްތައިގެ ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ތަޢުލީމީ ޒުވާން ޖީލެއް އުފެއްދުމަށް މިކުރާ މަސައްކަތުގައި، ލޮބުވެތި ބެލެނިވެރިންގެ ފަރާތުން މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔުން ކަން ރައީސް ފާހަގަކުރެއްވިއެވެ.