ސަރުކާރު މިއޮތީ ދަރިވަރުންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ދަރިވަރުން ގެންގޮސްދޭން ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު 2019 ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު މިއޮތީ ދަރިވަރުންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ދަރިވަރުން ގެންގޮސްދޭން ތައްޔާރަށް ކަމަށާއި ރާއްޖޭގައި ހުރެގެންވިޔަސް އަދި ރާއްޖެއިން ބޭރުންވިޔަސް، އެ ކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސްތު މިހާރު މިއޮތީ ހުޅުވިފައި ކަމަށެވެ.

އެހެން ނަމަވެސް، ތިޔަކުދިން މިއަދު ވިސްނަންވީ، ތިޔަ ވަދެވެނީ ވަރަށް ޢިލްމީ ޒަމާނެއްގެ ތެރެއަށްކަން. ތިޔަ ވަދެވެނީ އިލްމީ ހޯދުންތަކުން ގައުމުތައް ތަރައްގީކޮށް ކުރިއެރުވުމަށް، މުޅި ދުނިޔެ އަމާޒު ހިފާފައިވާ ޒަމާނެއްގެ ތެރެއަށް. މިއީ ސައެންސާއި ޓެކްނޮލޮޖީގެ އެހީގައި، އީޖާދީ ވިސްނުންތަކުން ގައުމުތައް ކުރިއަރައިދާ ޒަމާން. އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމަޢަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭފަދަ ދަރިންތަކެއް އުފެއްދުން. އެކާވީސްވަނަ ސައްތައިގެ ތަޢުލީމު އަމާޒު ހިފާފައިވަނީ، ތިޔަކުދިންގެ ޙަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް ތިޔަކުދިން ތައްޔާރުކޮށްދިނުމަށް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

އަދި ޓެކްނޮލޮޖީގެ ޒަމާނުގައި، ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

މުސާރައަކީވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫން ކަމަށާއި އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް، އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށާއި އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އައު އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ގާބިލުކަން ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ތިޔަކުދިންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމުގައި، 15 ވަރަކަށް އަހަރު ވަންދެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ވަރަށް ޚިދުމަތްތެރި އަދި އެހާމެ އޯގާތެރި އެހެން ބަޔަކު އެބަތިބި. އެއީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި، މުދައްރިސުން. ތިޔަކުދިންގެ ތަޢުލީމީ ޙަޔާތުގައި ބައްދަލުވި އެ ހުރިހާ ބޭފުޅުންނަށްވެސް، ތިޔަކުދިންނާއި ތިޔަކުދިންގެ ބެލެނިވެރިންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައި މަރުޙަބާވެސް ދަންނަވަން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

މަތީ ސާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، ހަގީގަތުގައި އެ ފެށެނީ ގައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުޙަލާ ކަމަށާއި މިހާރު ތިޔަކުދިންގެ ވިސްނުން ހުންނާނީ، ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދުގައިކަން އެމަނިކުފާނަށް ޔަގީންވާ ކަމަށްވެސް ވިދާޅުވިއެވެ.