މަލޭ އިއްޒުދީން ފާލަން ކައިރީ ބޭރު ތޮށިމަތީގައި މަސް ބާނަން ހުރި މިހަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އިއްޒުއްދީން ފާލަން ކައިރީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:52 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މީހާ ނިޔާވެފައިވާކަން ފުލުހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެންގީ 7.20 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އިތުރަށް މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ސިފައިން ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިމަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ރާއްޖެއަށް ވައިމަޑުވިނަމަވެސް، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.