އުސްފަސްގަނޑާއި ދިމާލުން އޮޔާ ދަމައިގަތް ދިވެހި ފިރިހެނަކު ވާދޫ ކަނޑުން ފެނިގެން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސްފައިވާ ކަމަށާއި މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށެވެ.

އޭނާ މިހާރު ފުލުހުންނާއި ހަވާލުކޮށްފަވާއިރު އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް ސިފައިން އިލްތިމާސްކުރެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ ގަދައަށް ވައިޖެހި ކަނޑުގަދަ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުމަތީގައި ހިތާމަވެރި ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ. ކަނޑުދަތުރުފަތުރުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެދިފައިވެއެވެ.

މިއީ މިއަދު ހިނގި ދެވަނަ ހާދިސާއެއްއެވެ.