ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވައިޓް އެލާރޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން ބުނީ ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވާ ކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 4:30 އަށެވެ.

އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ގަޑިއަކު 22 މޭލާއި، 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށްމެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރަކަށް ވުމުން، މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ މީހުން ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އެދެއެވެ.

މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި އެމްއެންޑީއެފުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.