އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 487 މައްސަލައެއް ހުށަހަޅައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ހާމަކުރި މައުލޫމާތުގައިވާގޮތުން އެ އޮފީހަށް 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021 އާ ދެމެދު ޖުމުލަ 487 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެގޮތުން އެ އޮފީހަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލައާއި، މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ 156 މައްސަލައާއި، ގާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލައެއް ހިމެނެއެވެ.

އަދި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރުމާ ގުޅޭ 26 މައްސަލައާއި، ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލައާއި، މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލައާއި، އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލައެއްގެ އިތުރަށް އިގްތިސާދީ އަދި އިޖުތިމާއީ ހައްގާ ގުޅޭގޮތުން 09 މައްސަލައެއްވެސް ހިމެނެއެވެ.

މީގެ އިތުރަށް ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ 07 މައްސަލައާއި، މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ، އުނގެނުމުގެ ހައްގާ ގުޅޭ 06 މައްސަލަ، އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލައެއްގެ އިތުރުން އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލައެއްވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެތެރެއިން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފައިވާއިރު، 26 މައްސަލައެއް ނުބެލުމަށް ވަނީ ނިންމާފައި ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އަދި އެއް މައްސަލައެއް އިންތިގާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 6 މައްސަލައެއްގައި އިތުރު މަޢުލޫމާތު ހޯދުމަށް ފޮނުވަން ނިންމައި، އިތުރު 5 މައްސަލައެއްގެ ޝަރުޢީ މަރުޙަލާ ކުރިއަށްދާތީ، އެ މަރުޙަލާ ނިމުމުން ހުށަހެޅުމަށް ވަނީ އަންގައިފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021ގެ ނިޔަލަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވަނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.