ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ކޮލަމާފުށީގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ ސާދަވަނަ ދުވަހު ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަނާއި ވިލިގިލީ ޕޮލިސް ސްޓޭޝަނައި މާމެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކޮލަމާފުށީގައި 'މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު' ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޕްރޮގްމާރުގައި ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި މިހާރު ހިނގާ ކުށްތަކާއި އެ ކުށްތަކުން ސަލަމާތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އިރުޝާދުދީފައިވެއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއްފަހަރު ހެދޭ ގޯސްތަކާއި އެކަމުގެ ސަބަބުން ދިމާވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފަވާއިރު ފުރާވަރު އުމުރުގެ ކުދިން މުޖުތަމައުގައި ހިނގާ ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި އެ އުމުރުގެ ކުދިން އާންމުކޮށްކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ކުދިން އެފަދަ ކަންކަމުން ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން، ފުލުހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އަދި އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 އިން 10 އަށް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މުޖުތަމައުގައި ކުދިންގެ މެދުގައި ހިނގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި އަމާން މުޖުތަމައަކަށް ސްކޫލު ކުދިންގެ ދައުރު ބުނެދީފައިވެއެވެ.

މިފަދަ އިތުރު ޕްރޮގްރާމުތަކެއް ކޮލަމާފުށީގައި ފުލުހުންނާއި ޖެންޑަރއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވެއެވެ.

އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގައި ގއ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ކޮލަމާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހެލްތު ސެންޓަރާއި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ކޮލަމާފުށީ ޔޫތު އެންޑް ސްޕޯޓްސްގެ އެހީތެރިކަން ލިބިފައިވެއެވެ.