ތިނަދޫއިން ނިޔާވި 3 މަހުގެ ތުއްތު ކުއްޖާ ނިޔާވެފައިވަނީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅައި އެކަން އާއިލާއަށް އަންގާފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

މައޫލޫމާތު ލިބިފައިވާ ގޮތުގައި އެތުއްތު ކުއްޖާއަކީ މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކުއްޖެއް ކަމަށާއި، އެކުއްޖާ ކޮވިޑް ބައްޔަށް ފައްސިވި ފަހުން މިއަދަށް 16 ދުވަސް ވަނީ ހަމަވެފައެވެ.

އެހެންކަމުން އެކުއްޖާ އަކީ ކޮވިޑް ޕޭޝަންޓެއް ނޫންކަމަށް ނިންމާފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން ތިން މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ.

ނިޔާވި ތުއްތު ކުއްޖާގެ އާއިލާ މެމްބަރަކު ބުނެފައި ވަނީ ކުއްޖާ ރޭ ފަތިހު ފެސިލިޓިއަށް ގެންދިއުމުން ކުއްޖާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

ހަތަރު ގަޑިއިރު ވެގެންދިޔަ އިރުވެސް އެކުއްޖާއަށް ފަރުވާ ދެވިފައި ނުވާ ކަމަށާއި، އޮކްސިޖަން ދޭން ފަށާފައި ވަނީ ކުއްޖާ ހަރަކާތް ކުރުން ހުއްޓާލިފަ ހުން ކަމަށްވެސް އާއިލާ އިން ބުނެއެވެ.