ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިމާވާ ތޮއްޖެހުމުގެ މައްސަލައަކީ ފަތުވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. މައުސޫމް މިފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވަނީ، އެއާޕޯޓާއި ގުޅިގެން އަމީރު ދެއްކެވި ވާހަކަތައް އިގްތިސާދީ ނަޒަރަކުން ފަހުމްކޮށްލުމަކީ މުހިންމު ކަމެއްކަމަށެވެ.

ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަދަރުގެ މިހާރުގެ ހާލަތު އޮތްގޮތުން މިއަހަރާއި އަންނަ އަހަރުވެސް ފަތުރުވެރިން ތޮއްޖެހި، ޖާގައިގެ ދަތިކަން ކުރިމަތިވާނެކަމަށާއި، މިއީ ފަތުރުވެރިކަމަށް އޮތް މާސިންގާ ގޮންޖެހުމެއް ކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ޓެގް ކުރައްވާ ޑރ. މައުސޫމް ކުރައްވާފައިވާ ޓުވީޓުގައިވެއެވެ.

މާޒީގެ ވާހަކަ ދެއްކިއަސް، މާޒީގައި ތާށިނުވެ، މާޒީން އިބުރަތް ހާސިލުކޮށްގެން ކުރިއަށް ދިއުމަށް ބުރަކޮން މަސައްކަތްކުރުން ބުއްދިވެރި ނޫންތޯ މިނިސްޓަރ ޑރ. މައުސޫމް ސުވާލު ކުރައްވާފައިވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރު ވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި ކަމަށެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެން ދިޔަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތު ތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 271 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.17 ބިލިއަން ރުފިޔާ ދެއްކުމަށް މައްސަލަ ބެލި ޓްރައިބިއުނަލުން ދިވެހި ސަރުކާރުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްއާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. މިއެއްބަސްވުން ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ ޖީއެމްއާރާއި ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު 27 ނޮވެމްބަރު 2012 ގައެވެ. އަލުން އެއާޕޯޓާ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވީ 7 ޑިސެމްބަރު 2012 ގައެވެ.