ކަނޑުމަތީގެ ރައްކާތެރިކަން ހޯދޭނީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް މީހުން އަހުލުވެރިކޮށްގެންކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ ވޭތުވެތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި މޫސުން ގޯސްވެ، ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާއިރު އެކަމަށް އާންމުން ހޭލުންތެރިކޮށް، ކަމާބެހޭ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލަމުން ނުދާކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ލައިފްޖެކެޓް އެޅުން މަޖުބޫރު ކުރާ ގޮތަށް އޭނަ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މިހާރު 2 އަހަރުވެފައިވާ ކަމަށާއި ސަރުކާރުން އެ ގަރާރަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން އެކަމާ އަޅާވެސް ނުލިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކަނޑުދަތުރުކުރުމުގެ ރައްކާތެރިކަން ހޯދޭނީ ގާނޫނުތަކާއި ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށްގެން ކަމަށާއި އަދި އެކަން ތަންފީޒުކޮށްގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަން ކާމިޔާބު ކުރެވޭނީ ގާނޫނީ ވާޖިބާއި ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ކަނޑުދަތުރު ކުރުމުގައި، ސަލާމަތާއި ރައްކާތެރިކަން ކޮންމެހެން ދޭންޖެހޭ ކަންކަމުގައި އެކަން ނުކުރުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައެވެ.

ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެގާރާރުގައި ބުނެފައި ވެއެވެ.

މިގަރާރު އާދަމް ޝަރީފް ހުށަހަޅުއްވާފައި ވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކުރީ ކޮޅެއެވެ. އެއީ އެ އަހަަރުގެ އޮގަސްޓް މަހު 29 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރެކެވެ.

އެ ހާދިސާގައި ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ނޮޅިވަރަމްފަރުގެ މުދައްރިސް، ހުސެއިން އަބްދުﷲގެ ދެމަފިރިންނާއި އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާއާއި އޭނާގެ 3 އަހަރުގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި އެރަށު ވީނަސް، އައިޝަތު އަލީ ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ ދުވަސް ވަރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ކަންކަން ކުރުމަށް އިލްތިމާސްކުރުމަށް އަންގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވިއްސާރަ ދުވަސްތަކުގައި މީހުން އުފުލާ އުޅަނދު ފަހަރުގައި ދަތުރުކުރާ އިރު އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަައި ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށެވެ.

އެ އޮތޯރިޓީން ކަނޑުދަތުރު ކުރާއިރު އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހަނދާން ކޮށްދީފަވެއެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްއިރު ކަނޑުމަތީގެ ބައެއް ހާދިސާތައް އަންނަނީ ތަކުރާރުވަމުންނެވެ.

އޭގެތެރެއިން އެއް ހާދިސާގައި އަންހެނަކު ނިޔާވެފައިވާއިރު، 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ކުޑަ ކުއްޖާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ރެޔާ ހަމައަށް 60 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ކޯސްޓުގާޑުން މައުލޫމާތުދެއެވެ.

ކުއްޖާ ގެއްލުނު ސަރަހައްދަށް އަދިވެސް ވަރަށް ކަނޑުގަދަ ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.