ހޮނިހިރު ދުވަހު، އޮޅުވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކުން މޫދަށް ވެއްޓިގެން ގެއްލުނު ކުޑަކުއްޖާ ހޯދުމަށް ވައިގެމަގުން 4512 ނޯޓިކަލް މޭލު ބަލައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ވ. ފުލިދޫއަށް ނިސްބަތްވާ އުމުރުން 4 ފިރިހެން ކުއްޖެކެެވެ.

ހޮނިހިރު ދުވަހު، މާލެއިން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން ކުޑަކުއްޖާ ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ މެދުނުކެނޑި ކުރަމުންނެވެ.

އެމްއެންޑީއެކުން އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު، ކުއްޖާ ހޯދުމަށް ކަނޑުމަގުން 131 ނޯޓިކަލް މޭލު ބަލާފައިވާއިރު، ވައިގެ މަގުން 4512 ނޯޓިކަލް މޭލު ބަލާފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭ ކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެ އެ ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން ފެނިފައިވާއިރު ފެނުން މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަ ހިމެނެއެެވެ. އެހެންނަމަވެސް ކުއްޖާގެ މަންމަ ފެނުނު އިރު އޮތީ ނިޔާވެފައެވެ.