މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ ޓީވީ ތަރި ސިދާތު ޝުކްލާގެ އާ ލަވައިގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ލަވައަކީ އޭނާ މަރުވިއިރު ކުޅެން ފަށާފައިވާ އަދި މުޅިން ނުނިމި އޮތް ވީޑިއޯ ލަވައެކެވެ.

ބޮލީވުޑްގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ދި އިންޑިއަން އެކްސްޕްރެސުން ބުނެފައިވަނީ ސިދާތުގެ ހަނދާނުގައި ނެރޭ މި ލަވައިގެ ނަމަކީ "އަދޫރާ" ކަމަށެވެ.

ލަވައިގެ ޕޯސްޓަރުގައި ސިދާރތް ޝުކުލާއާއި ޝެހެނާޒް ގިލްގެ ސަމާސާ ފެނިގެންދާ އިރު ޕޯސްޓަރުގެ އެއް ފަރާތުގައި ލިޔެލާފައިވަނީ "އެކް އަދުރާ ގާނާ. އެކް އަދޫރީ ކަހާނީ، އަ ސިޑްނާޒް ސޯންގް" މިހެންނެވެ.

ފުރަތަމަ މި ލަވަ ނެރެން ހަމަޖެހިފައި އޮތީ "ހެބިޓް" ގެ ނަމުގައި ކަމަށާއި، ސިދާތު މަރުވުމާ ގުޅިގެން ލަވައިގެ ނަން ވަނީ "އަދޫރާ" އަށް ބަދަލުކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ލަވައިގެ އަންހެން ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް، މިދިޔަ ހޮނިހިރު ދުވަހު ލަވައިގެ ޕޯސްޓަރ އާންމު ކޮށްފައިވާއިރު ސިދާރތް އާ ގުޅޭގޮތުން މާނަ ފުން ބަސްތަކެއް ވެސް ވަނީ ލިޔެފައެވެ.

ޝްރެޔާ ބުނެފައިވަނީ، ދުނިޔޭގައި މިއަދު ނެތް ކަމުގައި ވިޔަސް ސިދާރތަކީ ސްޓާރެއް ކަމަށާއި އޭނަ އަބަދުވެސް ވާނީ ސްޓާރަކަށް ކަމަށެވެ. އެތަށް މިލިއަން ބައެއްގެ ލޯބި ހޯދާފައިވާ ކަމަށާއި އަދި އެ މީހުންގެ ހިތްތަކުގައި އަބަދުވެސް ސިދާރތް ވާނެކަމަށް ޝްރެޔާ ވަނީ ބުނެފައެވެ.

https://www.instagram.com/p/CVGEv9JtjIS/

އަދި ސިޑްނާޒްގެ އެންމެ ފަހުގެ މި ލަވައަކީ އެމީހުންގެ ފޭނުންގެ އެންމެ ފަހުގެ އުއްމީދު ކަމަށްވެސް ޝްރެޔާ ބުނެފައިވެއެވެ.

މި ލަވައަކީ ސިދާރތް އަދި ޝެހެނާޒް ދެމީހުން ފެނިގެންދާ އެންމެ ފަހު ލަވައެވެ.

ސިދާރތް އަދި ޝެހެނާޒް ދިމާވީ "ބިގް ބޮސް 13" އިންނެވެ. އަދި އޭގެ ފަހުން ދެމީހުންގެ ދެމެދުގައި އާދަޔާ ޚިލާފު ރަޙްމަތްތެރިކަމެއް އެފެދިގެން ވަނީ ގޮސްފައެވެ. ގިނަ މީހުން އަންނަނީ އެއީ ދެ ލޯބިވެރިންގެ ގޮތުގައި ބުނަމުންނެވެ.

ސަރެގަމަޕާގެ ބެނަރގެ ދަށުން މި ލަވަ ނެރެނީ ވަރަށް ބޮޑު ޑިމާންޑަކާއެކުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިލަވަ ނެރޭއިރު, ޝޫޓިން އޮތީ އެއްކޮށް ނުނިމި ކަމަށާއި، އެހެންވެ ލަވަ ނެރޭނީ ސިދާތުގެ އެންމެ ފަހުގެ، ބައެއް ވީޑިއޯވެސް ހިމަނައިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޝްރެޔާ ގޯޝަލް އާއި އާކޯ މުކަރުޖީ ކިޔާފައިވާ "އަދޫރާ" ލަވައިގެ ޕޯސްޓަރުގެ ޓެގް ލައިނަކީ "އޭކް އަދޫރާ ގާނާ، އޭކް އަދޫރީ ކަހާނީ"އެވެ.

މި ލަވަ ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.