ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ.

14 އޮކްޓޯބަރު 2021ގައި ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ސިޓީގައި ބުނެފައިވަނީ، 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުން ދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީ އާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ މުއައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިވާނެ ކަމަށްވެސް އެސިޓީގައިވެއެވެ.

އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

މި ސިޓީއާ ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.