ސަރުކާރުން މިހާރު ޗާޓުން ބޭރުން ކުޅެން ފަށައިިފިކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާއި ގުޅިގެންނެވެ.

ޑރ ޖަމީލް ވިދާޅުވީ، އެކަމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއްކަމަށެވެ. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުަޅެން ފަށައިފިކަމަށެވެ.

ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ ޑރ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

މިއީ ވާނުވާ ނޭނގޭ ސަރުކާރެއްކަމަށްވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމަށް ނިންމާ ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ރައީސް އޮފީހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.