ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވެމްކޯއިން މިފަދައިން ހާމަކޮށް، ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ހޯދަމުން ދަނީ ވެށިފާރަވެރިން ކަމަށެވެ. އަދި މަގާމަށް 30 މީހުން ހޯދާ ކަމަށާއި މުސާރައަކީ މަހަކު -/9000 ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ޕޮލިސް ރިޕޯޓާއެކު ހުށަހަޅަން ވެމްކޯއިން އެދިފައިވެއެވެ.
އަދި ފޯމު ބަލައިގަންނާނީ ވެމްކޯ ހެޑް އޮފީހުން ކަމަށާއި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަސް ކަމަށެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ވެމްކޯ އިން ވަނީ މަގުމަތިން ކުނި ނެގުން ހުއްޓާލުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން އިމާރާތްތަކަށް ވަދެ އެޕާޓްމަންޓުތަކުގެ ދޮރުމަތިން ކުނި ނަގަން ފަށާފައެވެ. އަދި ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުންނާއި ފީ ނުދައްކާ ގޭބިސީ ތަކުން ކުނި ނެގުން ވަނީ ހުއްޓާލާފައެވެ.
ވެމްކޯއިން ބުނެފައިވަނީ ކުނި ނެގުމަށް އިމާރާތަށް ވަންނަ ވެމްކޯގެ ވެށިފާރަވެރިންނަށް ފަސޭހައިން ކުނި ނަގާ، ބޭލޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސައި ދިނުމަށް އެދޭ ކަމަށާއި ކޮންމެ ގޭބިސީއަކުން ވެސް ދުވާލަކު އުކާލެވޭނީ ދުވަހު ކުނީގެ މިންގަނޑަށް ފެތޭ މެދު (40 މީޓަރު) ސައިޒްގެ 3 ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު)ގެ ކުނި ކަމަށެވެ.
މަގުމަތީގައި ކުނި ބެހެެއްޓުން ސިޓި ކައުންސިލުން މަނާކޮށްފައި ވާތީ އެއްވެސް ގޭބިސީއަކުން މަގުމަތީ ކުނި ނުބެހެއްޓުމަށްވެސް ވެމްކޯއިން އިލްތިމާސް ކޮށްފަވާއިރު މާލޭގެ ގިނަ ގޭބިސީތައް އަދިވެސް ވެމްކޯގައި ރަޖިސްޓްރީވެފައި ނުވާތީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަމަށް ވެމްކޯއިން ބުނެފައިވެއެވެ.