ފުލުހުންގެ މަތީ ފަންތީގެ ބައެއް އޮފިސަރުންގެ ތެރެއިން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކިކުރުން މަޑުޖައްސައިލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނި، ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން، ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ލަފާދިން އޮފިސަރުން ވަކިކުރުން ފަސްކުރުމަށެވެ.
އެ އޮފިސަރުންނަކީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ.
އެ ތިން އޮފިސަރުން މިރޭ 12:00 އިން ފެށިގެން ވަޒީފާއިން ވަކިވާނެ ކަމަށް ވަނީ ނޯޓިސް ދީފައެވެ.
ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ 7 އޮފިސަރުންގެ ތެރެއިން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި، ސުޕްރިޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމްގެ އިތުރަށް ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ދާއޫދެވެ.
މި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި މިހާރު ކުރިއަށް ދާއިރު، މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯތުގައި އެދިފައިވީނަމަވެސް، އެއަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ވަނީ ފަށާފައެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮފިސަރުންގެ ފަރާތުން ހަތަރު އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ސިވިލް ކޯޓުގައި ހިނގާ މައުލޫއީ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ސަބަބު ސިވިލް ކޯޓުން ބަޔާންކޮށްފައި ނުވާކަން އެ އޮފިސަރުންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދިފައިވެއެވެ.
އެ އޮފިސަރުން ތަމްސީލްކުރައްވާ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މި މައްސަލައިގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ބުނެފައިވަނީ އޮފިސަރުން ވަކިކުރުމުގެ ވަގުތީ އަމުރެއް ނެރެދީފި ނަމަ ދައުލަތުގެ މަސްލަހަތު ގެއްލޭނެ ކަމަށާއި، ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އަދި މިހާރު ވަކިކޮށްފައިވާ އޮފިސަރުންނަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ފިޔަވަޅު އަޅާފައިވާ ބައެއް ކަމަށެވެ.
އަދި، އެފަދަ ވަގުތީ އަމުރެއް ނެރެފިނަމަ، އެއީ އެ އޮފިސަރުންނަށް ލިބިގެން ދާނެ ދާއިމީ ހިމާޔަތެއް ކަމަށްވެސް ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ، ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ދެ ތިން ދުވަސް ނަގާނެ ކަމަށާއި، އެހެންކަމުން ވަކިގޮތެއް ކަނޑައެޅެންދެން މިހާރު ވަޒީފާއިން ވަކިނުކޮށް ތިބި އޮފިސަރުންގެ ވަޒީފާ ދަމަހައްޓައިދިނުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރިވސްގެ މައްޗަށް ވަނީ ނެރެފައެވެ.