ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް ގެނައި އިސްލާހު ގެޒެޓްކޮށްފިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ގަވާދަށް ގެނެސްފައިވާ އިސްލާހުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ސޯޅަވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް އަންގާފަވާއިރު މައިގަނޑު 11 ކަމެއް ވަނީ ހިމަނާފައެވެ.

އެގޮތުން ގަވާއިދުގެ 13 ވަނަ މާއްދާ "ހ" ގެ ދަށުން އޮންނަންޖެހޭ"އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުމާއި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އޮންނަންޖެހޭ "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް" ހެއްދުމާއި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އޮންނަންޖެހޭ "ސުވޭޖް ސެޓްފިކެޓް" ހެއްދުން ހިމެނެއެވެ.

އަދި ގަވާއިދުގެ 19 ވަނަ މާއްދާ "ރ،ބ،އަދި ޅ" ގެދަށުން ޖަދުވަލު 5 ގައި ބަޔާން ކުރާގޮތަށް "އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ފަހު ދޫކުރާ ލިޔުން" ނެގުމާއި ގަވާއިދުގެ 24 ވަނަ މާއްދާ "ހ" ގެ 1،2،3،4،5 ގައި ބުނާ ކެޕްޓަނުންނާއި،ފަޅުވެރިން އަދި މެރިން މެކޭނިކުންގެ ގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުންވެސް ވަނީ އިސްލާހުގައި ހިމަނާފައެވެ.

މީގެ އިތުރަށް ގަވާއިދުގެ 29 ވަނަ މާއްދާ "ހ" ގައި ބުނާ ބޮޔަންޓް އެޕަރޭޓަސް ހުރުންޤަވާއިދުގެ 32 ވަނަ މާއްދާ "ނ" ގައި ބުނާ ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމާއި ގަވާއިދުގެ 38 ވަނަ މާއްދާގައި ވާގޮތަށް އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި މި ގަވާއިދުގެ ޖަދުވަލު 2 ގެ 68 އިން 72 އަށް ކެޓަގަރީގައި ބަޔާންކުރާ ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން ހިމެނެއެވެ.

މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ގޮތަށް މުއާސަލާތީ އާލާތްތައް ހުރުންމި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން ވަނީ އިސްލާހުގައި ހިމަނާފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ބުނީ ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައިނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެ ކަމަށެވެ.