ރާއްޖެ އައި ފްލެމިންގޯތަކެއް ހިފާ ވިއްކަމުން ގެންދާ މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުފައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނި (Greater Flamingo) މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ބައެއްފަރާތްތަކުން އެދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ އެ އެޖެންސީއަށް ދަނީ ލިބެމުން ކަމަށާއި އެގޮތުން ބާރަށުގައި ބަޔަކު ގުޑުގުޑާދޫނި ހިފައި ވިއްކަން އުޅޭކަމުގެ މައްސަލައެއް ވަނީ އެ އެޖެންސީއަށް ލިބިފައި ކަމަށް އީޕީއޭއިން ބުނެއެވެ.

އަދި މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ގުޅިގެން އަންނަނީ ތަހުގީގު ކުރެވެމުންކަން ފާހަގަކޮށް އެ އެޖެންސީން ބުނީ އެގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ ހައްޔަރުކުރާ ފަރާތްތަކާއި، އަދި އެ ދޫނިތައް ގަނެވިއްކާ، ވިޔަފާރިކުރަމުންދާ ފަރާތްތަކާއި މެދުތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވައި ދެއްވާ އަދި އެފަދަ ފަރާތްތަކަށް ފާރަވެރިވެ ދެއްވާ އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު (ދޫނި ހިފާ ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާ ވިއްކާ ދޫނީގެ ބާވަތާއި އަދަދު އަދި ފޮޓޯ) އެ އެޖެންސީގެ ހޮޓްލައިން ނަންބަރު: 7980379 އަށް މެސެޖުކޮށް ނުވަތަ [email protected] އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.