ރާއްޖޭން 113 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ހޯމަ ދުވަހު ހަވީރު 6:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،636 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 113 ސާމްޕަލް ކަމަށެވެ.

ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1339 ސާމްޕަލްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 36 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 69 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 6 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ އަދި އެކަކަކީ ރާއްޖެއިން ބޭރުން އައިސްފައިވާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި 113 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 86،324 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 75 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 84،718 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،279 ގައެވެ. މީގެތެރެއިން 17 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 239 އަށް އަރާފައެވެ.