ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ނިމުމަކާ ގާތަށް އައިސްފިއެވެ.

މި މައްސަލާގެ ޝަރިއަތުގައި ދެފަރާތުންވެސް ވަނީ ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކާ ނިންމާލާފައެވެ.

ކެފޭއެއް ތެރޭގައި އިންދާ މޫނު ނިވާކޮށްގެން ވަދެ އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުޙައްމަދު މަފާޒް އާއި، ގއ. ގެމަނަފުށި ހަވާސް، މުޙައްމަދު ކަރަމް ސުހައިލު އާއި، ލ. ގަން ވިދާތަރި، އަލީ ނިފާޒު އަދި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންގެ މައްޗަށެވެ.

ގ. ޝާރާޒް، މުހައްމަދު މަފާޒް ގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދިފާއުން ހެއްކާ ބެހޭ ގޮތުން ވާހަކަދައްކާފައިވެއެވެ.

އެގޮތުން، ދައުވާ ލިބޭ ހަތަރު މީހުންގެ ދިފާއީ ވަކީލް ވަނީ އެ ހަތަރު މީހުންގެ މައްޗަށް އެ ދައުވާ ނުއުފުލޭނެ ކަމަށް ހެކީގެ ހެކިބަހުން ސާބިތުވާކަމަށް ވިދާޅުވެފައެވެ.

އަދި، އެ ހާދިސާ ހިނގި ކްރައިމް ސީން ރައްކާތެރިކުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މީގެއިތުރުން، ހަމަލާދިން ވަޅިންނާއި، އެ ސަރަހައްދުން ފެނުނު ލޭ ހުރި ގަމީހާއި ޓީޝާޓުން ޑީއެންއޭ ނަގާފައި ނުވާ ކަމަށާއި، އެތަކެތިން ފިންގަރޕްރިންޓް ނަގާފައިނުވާ ކަން ފާހަގޮށް، ފުލުހުންގެ ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ދިފާއުން ވަނީ ގިނަ ކަންކަމާމެދު ސުވާލު އުފައްދަވާފައެވެ.

މިކަންކަމަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ފާތުމަތު މީޝާ ވިދާޅުވެފައި ވަނީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ބޮޑެތި ފުށުއެރުންތަކެއް އަރާކަމަށާއި، ނަމަވެސް ދިފާއީ ހެކިންނާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ޚުލާސާ ބަޔާނުގައި ވާހަކަ ދައްކަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޟީ ހުސެއިން ފާއިޒް ރަޝާދު ވަނީ، ބަނަދު މުރާޖައާކޮށް ބަންދު ދަމަހައްޓަން ޖެހޭކަމަށް ނިންމަވާފައެވެ.

އަދި، އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް ގާޟީ ވިދާޅުވިއެވެ. އެއަށްފަހު، ވާރިސުންގެ ބަސް ނެގުމަށްފަހު މައްސަލައިގެ ހުކުމް އިއްވާނެއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހު ނަދީމް މަރާލި މައްސަލާގައި ހަތަރު މީހުންގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ.