މެދުއިރުމަތީގެ ބޮޑެތި މަޖައްލާތަކުގެ މީޑިއާ ޓީމެއް ފެމިލިއަރަޒައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން ބުނީ މެދުއިރުމަތީގެ ބޮޑެތި މަޖައްލާތަކުގެ މީޑިއާ ޓީމުގެ މި ދަތުރު ކުރިއަށްދާނީ މިމަހުގެ 15 އިން 20 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ މެދުއިރުމަތީގެ އާންމުންގެ މެދުގައި މަގުބޫލު ނޫސް މަޖައްލާތައް ކަމަށްވާ ޓްރެވަލް އެންޑް ޓުއަރިޒަމް ނިއުސް- ޓީޓީއެން، އަލްޕްރެސް، އަލް ބަޔާން އަދި ޓްރެވަލް ޓްރެންޑްސް އިންޓަރނޭޝަނަލްގެ ލިއުންތެރިންނާއި އެޑިޓަރުން ހިމެނޭ ޓީމެކެވެ.

މިއީ އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި، އަދަދުތައް ޝާއިޢުކުރާ މަޖައްލާތަކެކެވެ. މި މަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔެކިއުންތަކާއި، ޢަދަދުތައް ނެރޭ މަޖައްލާތަކެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ހުރަވަޅި އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ކައި މޯލްޑިވްސް އަދި ދަ ވެސްޓިންމޯލްޑިވްސް މިލިއަން ރިސޯޓްގައެވެ.

މި ޓީމުން ސްޕާ، ވޯޓާ ސްޕޯޓްސް، ސްނޯކްލިން ފަދަ، ރާއްޖޭގެ ރިޒޯޓުތަކުން ލިބޭ ތަފާތު ހިދުމަ .ތަޖުރިބާ ކުރާނެއެވެ. އަދި މި ރިޒޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ވެސް ތަޖުރިބާކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ދަތުރަށް ފަހު ހަތަރު މަސް ވަންދެން މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާއި ބެހޭގޮތުން ތިން ވަރަކަށް އާޓިކަލް ޝާއިއުކުރާއިރު އާޓިކަލްތަށް މެދުއިރުމަތީގެމަތީ ފަންތީގެ އަދި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވޭ ކަމަށެވެ.

އަދި މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.