ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނެރެފައިވާ އަމުރު ބާތލްކުރުމަށް ފަހު ހައިކޯޓުން ވަނީ ޖުލައި މަހުގެ އެގާރަވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.

ހައި ކޯޓުން މިއަމުރު ނެރެފައިވަނީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައެވެ.

އައްމަޓީގެ ގާނޫނީ ވަކީލް، މުހުތާޒް މުހުސިން "ވީނިއުސް" އާއި ވާހަކަދައްކަވަމުން ވިދާޅުވީ، އައްމަޓީ ދޫކޮށްލާފައިވަނީ ދެ އަންހެނުން ޖާމިނުވެގެން ކަމަށެވެ.

އަދި އެއީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީނަމަވެސް، ލޯޔަރ މުހުތާޒް އެކަން ކަށަވަރުކޮށްދީފއެއް ނުވެއެވެ.

މުހުތާޒް ވިދާޅުވީ، ކޯޓުން އޭނާ ދޫކޮށްލާފައިވަނީ 3 ކަމަކަށް ޝަރުތު ކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން، ރަސްމީ ކޮންމެ ދުވަހެއްގެ 9:30 ގައި ކަރެކްޝަންސްއަށް ހާޒިރުވެ ސޮއި ކުރުމަށާއި، ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމަށް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.

އަދި، މި މައްސަލާގައި ގެއްލުންވި މީހުންނާއި ބައްދަލުނުކުރުމަށްވެސް ކޯޓުން ޝަރުތުކޮށްފައިވާކަމަށް މުހުތާޒް ވިދާޅުވިއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަންކާއިންނެވެ.

މިމައްސަލާގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.