މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އިތުރު ދެމީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިތުރު ދެމީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާކޮށްފައިވާ ދެ މީހުންނަކީ ހއ. މޮޅަދޫ، ބަހާރުގެ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެމީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

އެއީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގެ މުޖާޒު އަހުމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ.

މީގެތެރެއިން ހަތަރު މީހެއްގެ ޝަރީއަތުގެ އަޑުއެހުން ފަށާފައިވާއިރު، ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.