ގާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، ޖެހެނީ ހައިކޯޓަށް ދާން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ މިފަދައިން ވިދާޅުވެފައިމިވަނީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމާފައިވާ ވަގުތެއްގައެވެ.
ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމަށާއި ގަނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ޕީޖީ އޮފީހުން ޖެހެނީ ހައިކޯޓަށް ދާން ކަމުގައެވެ.
ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލީ، އާއިލާގެ 2 މެމްބަރަކު ޖާމިނުކުރުމަށްފަހުއެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނެރެފައިވާ އަމުރު ބާތލްކުރުމަށް ފަހު ހައިކޯޓުން ވަނީ ޖުލައި މަހުގެ އެގާރަވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.
ހައި ކޯޓުން މިއަމުރު ނެރެފައިވަނީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައެވެ.
ކޯޓުން އޭނާ ދޫކޮށްލާފައިވަނީ 3 ކަމަކަށް ޝަރުތު ކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން، ރަސްމީ ކޮންމެ ދުވަހެއްގެ 9:30 ގައި ކަރެކްޝަންސްއަށް ހާޒިރުވެ ސޮއި ކުރުމަށާއި، ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމަށް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.
އަދި، މި މައްސަލާގައި ގެއްލުންވި މީހުންނާއި ބައްދަލުނުކުރުމަށްވެސް ކޯޓުން ޝަރުތުކޮށްފައިވާކަމަށް އައްމަޓީގެ ގާނޫނީ ވަކީލް، މުހުތާޒް މުހުސިން މުހުތާޒް ވަނީ ވިދާޅުވެފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަންކާއިންނެވެ.
މިމައްސަލާގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.