ފްރާންސްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެ ގައުމުގެ މަޝްހޫރު ހައި އެންޑް ލައިފްސްޓައިލް މަޖައްލާ، "މެޑަމް ޕިޒާރޯ" އާއެކު ވިޒިޓް މޯލްޑިވްސް އިން ޚާއްސަމީޑިއާ ކެންޕެއިނެއް ފަށައިފިއެވެ.

މިމަހު 14 ވަނަ ދުވަހު ފެށި މި ކެމްޕެއިނަކީ އެއް މަސް ދުވަހުގެ ކެންޕެއިނެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން ބުނެއެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި މިހާރު ހިދުމަތްދޭ އެންމެރައްކާތެރި އެއް މަޒިންޒިލްގެ ގޮތުގައި ފްރާންސްގެ މަތީ ފަންތީގެ ފަތުރުވެރިން އިޝްތިހާރު ކުރެވިގެންދާއިރު މި ކެންޕެއިންގެ އެންމެ ބޮޑު އެއް މަގުސަދަކީ ޕްރާންސްގެ ބޯޑަރު އަލުން ހުޅުވާލާއިރު، އެ ގައުމުގެ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް މި ކެންޕެއިންގެ ދަށުން މެޑަމް ފިގާރޯގައި ޚާއްސަ އެޑިޓޯރިއަލް ލިއުމެއް ޝާއިއުކުރެވޭނެ އެވެ.

މިލިޔުމުގައި ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުވެފައިވާ މަންޒިލެއްކަމަށާއި ރާއްޖޭއިން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ތަފާތު ކަންތައްތައް ފާހަގަކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މެޑަމް ފިގާރޯގައި ޝާއިއުކުރާ އެޑިޓޯރިއަލް ލިއުމުގެ އިތުރުން، މި ކެންޕެއިންގެ ތެރެއިން، ރާއްޖޭގެ ގުދުރަތީ ގޮތުން މުއްސަނދި، ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް އިޝްތިހާރުކުރެވޭއިރު މި ކެންޕެއިން މެދުވެރިކޮށް އުފައްދާ ކޮންޓެންޓް، ނިއުސްލެޓަރގެ ގޮތުގައި ތަފާތު އޯޑިއަންސްތަކަށް ފޯރުކޮށްދޭނެއެވެ.

މެޑަމް ޕިޒާރޯގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށްވެސް އެތައް މިލިއަން ފަތުރުވެރިންނަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެއެވެ.

މެޑަމް ފިގާރޯ އަކީ ފްރާންސްގެ ޓޮޕް މީޑިއާ ލެ ޕިޒާރޯގެ ދަށުން އަންހުންނަށް ހާއްސަކޮށް ހިންގާ އެންމެ މަޝްހޫރު އަދި މަތީ ފަންތީގެ ލައިފް ސްޓައިލް މަޖައްލާއެވެ.

މެޑަމްފިގާރޯ މަޖައްލާއަށް މަހަކު 6.1 މިލިއަން ވިއުސް ލިބޭއިރު، މި ބްރޭންޑްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފޮލޮވާސް 2 މިލިއަނާ ގާތްކުރެއެވެ.

އެހެން ކަމުން މިފަދަމަޖައްލާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަކީ ފްރާންސްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތެކެވެ.

މިމަހުގެ ތޭރަވަނަ ދުވަހާއި ހަމައަށް ބަލާއިރު، 17,031 ފަތުރުވެރިންނާއެކު ޕްރާންސް އަކީ މި އަހަރު 10 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓްއެވެ.

އަދި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެވެމުންދާ ލުއިތަކާއި، އެއަރ ފްރާންސް އިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓްކުރުމުންދާތީ، ކުރިއަށް އޮތް މަސްތަކުގައި ފްރާންސުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ލަފާކުރެއެވެ.