ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ތިމާވެއްޓަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ، އދ. ގެ އާނުމު ޖަމިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމަނިކުފާނަށް ތައުރީފްކުރައްވައިފިއެވެ.

އދ، ގެ އާންމު މަޖިލީހުގެ ސެކްނޑް ކޮމިޓީގެ ބައްދަލުވުމުގައި އިމާވެއްޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުވެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައި އަބްދުﷲ ޝާހިދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބަދުވެސް އޮފީހުގެ ބޮކިތައް ނިއްވާލައްވައި، ދުވާލުގަޑީގައި ކަރަންޓު ބޭނުންކުރެއްވުމުގެ ބަދަލުގައި އިރުގެ އަލިކަން ބޭނުންކުރެވެން އޮތް ކޮންމެ ހިނދެއްގައި ބޭނުންކުރުމަށް އިޚްތިޔާރު ކުރައްވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ކިތައްމެ ކުޑަ ކަމެއްކަމުގައި ވީނަމަވެސް އުއްތަމަ ފަނޑިޔާރު އެކަން ކުރައްވަނީ އެއީ ނުހަނު ބޭނުންތެރި ކަމެއްކަމުގައި ދެކިގެންކަމަށާއި މިފަދަ ބިލިއަނެއްހާ ކުޑަ އަމަލުތަކެއްގެ ސަބަބުން ބޮޑެތި ނަތީޖާ ނެރެވޭނެއެވެ.

މީގެއިތުރުން، އދ. ގައި އަދި ސެކްނޑް ކޮމިޓީގައިވެސް ހަރުދަނާ ބަދަލެއް ގެނައުމަށްޓަކައި މެމްބަރު ގައުމުތަކުން ކިތަންމެ ކުޑަނަމަވެސް ކޮށްދެވެން ހުރި ކަންތައްތަކާ ދޭތެރޭ ވިސްނާލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކޮވިޑް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފިލުވުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލްކުރުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުން ފާހަގަކުރެއްވިއެވެ.

އަދި، އާމްދަނީ މަދުން ލިބޭ ގައުމުތަކުގައި އާ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހުރި ހުރަސްތައް ފިލުވުމާއި، މާލީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް ގައުމުތަކަށް މާލީ އެހީތެރިކަމާއި ފައިސާ ލިބުމުގައި ހުރި ދަތިތައް ފިލުވާލުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ތިމާވެއްޓާއި ބެހޭ ކަންކަމުގައި އަޑު އުފުލާ އެކަމަށްޓަކައި ވަކާލާތު ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.