ތަރައްގީގެ ހަރުފަތްތަކުގައި ދާންޖެހޭ މިސްރާބު އަދި ދުރު ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ތަރައްގީގައި ކުރަންޖެހޭ ކަންކަން ގިނަކަމަށާއި އެގޮތުން ފެނާއި ނަރުދަމާ އަޅަންޖެހޭ ކަމަށާއި ސިއްޚީ ނިޒާމާއި ތައުލީމީ ނިޒާމު ކުރިއަރަންޖެހޭ ކަންވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހިމަންދޫގެ ބަނދަރު ހަދާ ނިންމާލީ ރައްޔިތުންގެ މަޝްވަރާއާއިއެކު ދަތި ދުވަސްވަރެއްގައި ކަމަށެވެ.
ރާއްޖޭގައި ބަނދަރުތައް ހަދަމުން އަންނަތާ ވިއްސަކަށް އަހަރުވެދާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ބަނދަރަކީ ކޮންމެ ރަށެއްގެވެސް އެ ރަށެއްގެ ދޮރާށި ކަމަށާއި ރާއްޖޭގައި ފުރތަމަ ބަނދަރު ހަދަންފެށީ ވަރަށް އާދައިގެ ގޮތެއްގައި ކަމަށެވެ.
އެގޮތުން އެންމެ ފުރަަތަމަ ބޭރު ތޮށްޓެއް ހަދަން ފެށީ ފަރުން ގާ ނަގައިގެން ކަމަށާއި އެއްގަމު ތޮށި ހެދީ ވެއްޔާއި ސިމެންތި އެއްކޮށްގެން ސުތުލި ގޯންޏަށް އަޅައިގެން ބަސްތާ ޖެހުމުގެ މަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވައުދުގެ ނުވަދިހަ އިންސައްތަައިގެ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަގޮތުގައި ކަންކަމުގެ މައުލޫމާތު އެނގިފަ ހުރުމަކީ އެއީ ސަރުކާރާއި ދޭތެރޭ ރައްޔިތުންނަށް އޮންނަ އިތުބާރު އާލާވެގެންދާނެ ކަމެއް ކަމަށެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ 119 ރަށެއްގެ ފެނުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާ ކަމަށާއި 59 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އަދި ބާކީ ހުރި މަސައްކަތްތައް އޮތީ ޑިޒައިންގެ މަރުހަލާގައި ކަމަށާއި ނުވަދިހަ ރަށެއްގެ ނަރުދަމާގެ މަސައްކަތުގައި ސޮއިކޮށްފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތަރައްގީވެފައިވާ ގައުމަަކަށްވުމަށްޓަކައި އަދި ގިރާކުރަންޖެހޭ ހަރުފަތްތައް ގިނަ ކަމަށާއި ސަރުކާރުން މި ސްޕީޑުގައި މަސައްކަތްކޮށްފި ނަމަ އެނަތީޖާ ހާސިލް ކުރެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު، ހަސަން ޒަރީރު ވިދާޅުވީ ހިމަންދޫ ބަނދަރު ހެދުމުން ރަށުގެ އިގްތިސާދަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށާއި އޭގެ ނަފާ ކައިރި ރަށްތަކުގެ ރައްޔިތުންނަށްވެސް ލިބެމުންދާކަމަށެވެ.