ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ޓްރެންޑް ވަމުން އަންނަ "މަނިކޭ މަގޭ ހިތޭ" ލަވަ، އެންމެ ފަހުން ހިންދީ ބަހުން ކިޔައި ބޮލީވުޑްގެ ފިލްމެއްގައި ހިމެނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވައިގެ ހިންދީ ވަރޝަން ހިމެނުމަށް ނިންމައިފައިވަނީ ހިންދީ ފިލްމު "ތޭންކް ގޯޑް"ގައެވެ.

ބުޝާން ކުމާރް، އިންދްރާ ކުމާރް އަދި އަޝޯކް ތަކެރިޔާގެ މި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

އިންދަރް ކުމާރު މިފިލްމުގައި ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވައިގެ ހިންދީ ވަރޝަން ހިމެނުމަށް ނިންމުމުން ޔޮހާނީ ވަރަށް ޝުކުރު ވެރިވާ ކަމެެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ފޮޓޯ: އިންޑިޔާ ޓުޑޭ

ފިލްމް "ތޭންކް ގޯޑް" ގައި ހިމެނޭ "މަނިކޭ މަގޭ ހިތޭ" ލަވައިގެ ހިންދީ ވާރޝަނުން ނޯރާ ފަތޭހީ އަދި ސިދާރތް މަލޯތްރާ ފެނިގެންދާނެ ކަމަށް އިންޑިޔާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިޔާ ޓުޑޭގައި ބުނެފައިވެއެވެ.

އަދި ހިންދީ ވާރޝަން ކިޔާނީ ޔޮހާނީ ކަމަށްވެސް އިންދަރު ކުމާރު ބުނެފައިވެއެވެ.

ފިލްމު "ތޭންކް ގޯޑު"ގައި ލީޑް ރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން، ސިދާރތު މަލޯތުރާ، އަދި ރާކުލް ޕްރީޓް ސިންގް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.

ޔޮހާނީ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" މިލަވައަކީ އެކި އުމުރުފުރާގެ މީހުންގެ މެދުގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ލަވައެކެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ޖުލައި ސަތީޝަން ރަތުނަޔާކަ ކިޔާފައިވާ ލަވައެކެވެ.

ލަވައިގެ މިއުޒިކް ކޮމްޕޯޒް ކޮށްފައި ވަނީ ޗަމަތް ސަންގީތެވެ.

އެހެން ނަމަވެސް ސަތީޝަން ރަތުނަޔަކާއެކު ޔޮހާނީ 2021 މެއި 22 ގައި ކިޔާފައިވާ ކަވަރ ސޯންގަށް ލިބުނު ތަރުހީބު މާ ބޮޑެވެ.

ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވަ އޭނާގެ ޔޫޓިއުބްގައި ރިލީޒް ކުރިތާ ހަތަރު މަސް ދުވަސް ތެރޭގައި 160 މިލިއަން ވިއުސް ލިބިފައިވެއެވެ.

މިހާރު ގިނަ މީހުން އިންތިޒާރު ކުރަމުން ދަނީ ފިލްމް "ތޭންކް ގޯޑް"ގައި ނޯރާ ފަތޭހީގެ ފަރި ހަރަކާތްތައް ހިމަނާ "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާރޝަނަށެވެ.