އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބާލަން ސަރުކާރަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިނގާލުމެއް ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ހިނގާލުން ފަށާފައިވަނީ ހަވީރު 4:15 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

ހިނގާލުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ހިންގާފައިވާ އަޑިނޭނގޭ ގުޅުންތަކުގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަމަށް ލޮޅުންއަރާފައިވާކަމަށް ވިދާޅުވެފައެވެ.

މި ގައުމުން އިންޑިއާ ސިފައިންނަށް ޖާގަ ދިނީ ރައީސް ސާލިހްގެ ސަރުކާރުން ކަމަށާއި، އެހެންކަމުން މި ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވީ ބޭފުޅަކީ ރައީސް ސާލިހްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ޚިޔާނާތްތެރިންގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން، އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ގޮވާލުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވަމުން ދާނެ ކަމަށާއި، މިހާރު ކުރިއަށްދާ ހަރަކާތްތައް ހުއްޓާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައިނުވާއިރު، އަބްދުއްރަހީމް ވަނީ އެކަން ފާހަގަކުރައްވާ ހިނގާލުމަށް އެއްބާރުލުން ދީފައިވާތީ ސަލާމަތީ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ހިނގާލުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި، ކުރީގެ އެންވަޔަރެމެންޓް މިނިސްޓަރ ތާރިގް އިބްރާހިމްގެ އިތުރުން ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފަދަ އިދިކޮޅުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.