ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން ނިސްބަތުން މަދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވަނީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ނަފާއެއްލިބޭ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި، އެހެން ނަމަވެސް މިދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުންކަމުގައި ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަޤާމުތަކަށް މީހުން ތަމްރީނުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

ވިލާ ކޮލެޖުގެ ކިޔު.އައި ކެމްޕަސްގައި ކުރިއަށްދިޔަ މި ހަފްލާގައި ނައިބު ރައީސް ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރުކާރުން ތައުލީމީ ދާއިރާއަށް މިހާ ބޮޑު ސަމާލުކަމެއް ދެނީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތަޢުލީމީ ގާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެންކަންކަމަށް ވާތީ ކަމަށްވެސް ނައިބު ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއްނެތް. އެހެންކަމުން މި މަޝްރޫޢުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލުކުރުމަކީ ނުހަނު އެދޭ ކަމެއް. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ."
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ވަނީ މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ހާސިލުވާނީ ނުހަނު ބުރަ މަސައްކަތުން ކަމަށާއި އަދި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަމުގައި ފާހަގަކުރައްވާފައެވެ.

އަދި މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމަޢުގައި އުޅޭއިރު މީހުންނަށް އިހްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް ބާރުއަޅުއްވާފައެވެ.

ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ހާސިލުކުރެއްވި ބައެއް ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ހަފުލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދުދީދީ އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުސްތަފާ ލުތުފީގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖުގެ 14 އަހަރުގެ ކާމިޔާބީ ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ވިލާ ކޮލެޖުން ކުރައްވާ ބުރަ އަދި މަތިވެރި މަސައްކަތަށް ތަޢުރީފުކުރައްވާ އެކޮލެޖުގެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އެވޯޑް ހާސިލްކުރެއްވި ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ.