ނަފްސަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ އާމާނާތެކެވެ. އެއާއި މެދު ގިޔާމަތް ދުވަހުން ސުވާލުވެވޭނެ ނިއުމަތެކެވެ. އިސްލާމީ ޝަރީޢަތުގައި ނަފްސު ވަނީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވާފައެވެ.

އެގޮތުން އިންސާނާއަށްވެސް ވަނީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުންވެސް ހާރާން ކުރެވިގެންނެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށާއި ފުރާނައަށް ގެލުންވާ އެންމެހައި ކަންތަކުން ދުރުހެލިވެ އުޅުމަށް އެކާލާނގެ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.

ފުރާނައަކީ މާތްﷲގެ އަމާނަތަކަށް ވީ ފަދައިން އެ ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ތިމާގެ ފުރާނަ އާއި ހަށިގަނޑަކީ ސަލާމަތްތެރިކަމާއެކު ބަލަހައްޓައި އެއަށް ފަރުވާތެރިވާން ޖެހޭ އެއްޗެއްކަމާއި ބޭނުން ނެތް ގޮތުގައި އެ ފުރާނަ ނަގާލުމަކީ ކިހާ ބޮޑު ފާފައެއްކަން ހެދި ބޮޑުވަމުން އަންނަ ކުދިންނަށް އެނގެން ޖެހެއެވެ.

ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން މިހާ ބޮޑު ފާފައަކަށްވީ ހިނދު ފަހެ ދެން އެހެން އިންސާނަކަށް ގެއްލުމެއް ދިނުމުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ. ހަމަ ކަށަވަރުން ދިރިހުރުމުގެ ހައްގަކީ މާތްﷲ ކޮންމެ އަޅަކަށްވެސް ދެއްވާފައިވާ ހައްގެކެވެ.

އެ ހައްގަށް އެއްވެސް އިންސާނަކު އަރައި ނުގަނެވޭނެއެވެ. އެހެން ކަމުން ނަފްސު ހިމާޔަތްކުރުމުގެ ގޮތުން ހައްގަކާއި ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލައިފިނަމަ އިސްލާމްދީންގައި ވަނީ ގިސާސް ކަނޑައަޅުއްވާފައެވެ.

ގިސާސް ހިފުމުގައި ހަޔާތެއްވާކަމަށް އެހުކުމް ޝަރުއުކުރެއްވި ހަކީމްވަންތަ އިލާހް ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް ގިސާޞް ހިފުމާއި، ނުހިފައި ގާތިލަށް އަފޫޢު ކުރުމުގެ އިހްތިޔާރު މާތްﷲ ވަނީ މައްޔިތާގެ ވާރިސުންނަށް ދެއްވާފައެވެ.

އެހެންކަމުން މައްޔިތާގެ ވާރިސުން ގިސާޞް ހިފުމަށް ބޭނުންވާ ހިދެއްގައި ގާތިލަށް މައާފް ދިނުމަކީ ވެރިމީހާއަށް ވެސް އަދި ކިއެއްތަ ގާޒީއަށްވެސް ލިބިގެންވާ އިހްތިޔާރެއް ނޫނެވެ. ކުރީގެ އުންމަތްތަކުގެ މައްޗަށްވެސް މާތްﷲ ވަނީ ގިސާޞްގެ ހުކުމްތައް ފަރުޝު ކުރައްވާފައެވެ.

އިސްލާމީ ޝަރީއަތުގައި އިންސާނީ ނަފްސަށްވަނީ އަމާންކަން ދެވިފައެވެ. ވަޟުޢީ ޤާނޫންތަކުގެ މަގްސަދަކީވެސް މިއެވެ. އިންސާނީ ނަފްސަށް އަމާންކަން ދިނުމެވެ. ނަމަވެސް ނަތީޖާއެއް ނުނެރެވެއެވެ.

އިންސާނީ ހައްގުތަކުގެ ދަށުން ގާތިލަށް ބޮޑު އަދަބެއް ދެވޭކަށެއް ނޯވެއެވެ. ވާރުތަވެރިންނާއި މަރުވެގެންދާ މީހާއަށްވުރެ ބޮޑަށް ގާތިލްގެ އިންސާނީ ހައްގު ބޮޑުކަމުންނެވެ.

ނަތީޖާއަކީ އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައި މީހުންގެ ކައިރީގައި ނެތިގެން ދިއުމެވެ.