އދގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީއަށް ކުރާ އިތުބާރު ދަމަހައްޓާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

މިނިސްޓަރ މި ޔަގީންކަން ދެއްވީ ޔުނައިޓެޑް ނޭޝަންސް ޑޭގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވިި އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހުރިހާ މެމްބަރު ގައުމުތަކާއި ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައިގެން މަސައްކަތްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަން ޖެހޭ ހަމަހަމަކަންވަނީ ގެއްލިފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެންމެންނަށްވެސް އުފާވެރި މުސްތަގްބަލެއް ލިބޭނެކަމުގެ އުއްމީދުގައި، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ.އާއި އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖެއިން އދ.އާ ގުޅުނީ 1965 ވަނަ އަހަރު އޭރު އެންމެ ކުޑަކޮށް ތަރައްގީވެގައިވާ ގައުމުތަކުގައި ތެރޭގައި އަދި ގައުމުތަކުން އެންމެ ފުރަތަމަ އދ. އާއި ގުޅުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖެއަކީ އ.ދގައި ހަރަކާތްތެރި ގައުމެކެވެ.

އަދި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެހިރާއްޖޭގެ ކެނޑިޑޭޓް އިންތިހާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ހާމަވާކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ "ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ. އަދި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައި، މި ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު .މުސްތަޤްބަލެއް ހޯދައިދެވޭނެ"
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދިވެހިރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި މަސައްކަތް ކުރުމަކީ، ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.