ގާނޫނީ ޒިނޭ ކިޔާ އެއްޗެއް ނޯންނާނެ ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުންނެވެ.

އަލީ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤާނޫނީ ޒިނޭ" ކިޔާއެއްޗެއް ނޯންނާނެ ކަމަށާއި ދީނުގެ މުސްތަލަޙުތަކާކުޅެ ހިތަށް އެރިމާނައެއް އެއަށްދިނުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށެވެ.

ޒިނޭއަކީ ޝަރުޢީޒިނޭ! އެ ސާބިތުކޮށް އަދަބްދޭންވާނީ ޝަރުޢުގައި އެކަން އޮތްގޮތަށް! ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ! އެއަށްކިޔާނީ ބަދުއަޚްލާގީ މައްސަލަ. މިހެން."
ޝައިޚު އަލީ ޒައިދު

ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލް ތަފާތުވެފައެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ.

އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.

ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ޑީއެންއޭ އާއި ސައިންޓިފިކް ޤަރީނާތަކަކީ އެ ޤަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ އެހެން ޤަރީނާތައް ހުރެއްޖެނަމަ ހައްދުގެ މައްސަލަތައްވެސް ތައުޒީރީ މިންގަޑަކުން ސާބިތުކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ.

އެހެންކަމުން ޤަރީނާތައް ބޭނުންކޮށްގެން ހައްދު ޤާއިމުކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނުނަމަވެސް އެ ފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ.

އަދި އިސްލާމީ ތާރީޚުން އުމަރުގެފާނުގެ ދައުރުގައި ހިނގާފައިވާ މި ފަދަ މައްސަލައެއް ހުކުމްގައިވަނީ ފާހަގަކުރައްވާފައެވެ.