ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު "މައުމޫނިޒަމް"ގެ ޢިއްޒަތާއި، ގަނޑުވަރާއި، ސެކިއުރިޓީ ކަމުދާކަމަށާ އަދި އެ ބޭނުންވާކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ބަހައްޓަވައިގެން ދައުލަތުން ކުރައްވާ ޚަރަދަކީ، ޤާނޫނާ ޚިލާފް ކޮރަޕްޝަންގެ ޢަމަލެއް ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ އިޞްލާޙު ކުރަންވީ ޚަރަދުކުރުމުގެ ނިޒާމް ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވައެވެ.

ލަންޑަނުގައި މަހަކު ލައްކައަކަށްވުރެ ގިނަ ޕައުންޑް ރައީސް ނަޝީދަށް ސަރުކާރުން ހޭދަކޮށްފައިވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅު ވެފައިވެއެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވިލިމާލޭ ދާއިރާއަށް ވާދަ ކުރައްވާ ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން މިސަރުކާރާއި ދެކޮޅުވެ އަނެއްކާވެސް ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ، ރައީސް ނަޝީދަށް މިހާރު "މައުމޫނިޒަމް"ގެ ޢިއްޒަތް ކަމުދާކަމަށާއި މިހާރު ރައީސް ނަޝީދު ބޭނުންފުޅުވަނީވެސް ކުރިން ކަމުނުދިޔަ "މައުމޫނިޒަމް"ގެ ގަނޑުވަރާއި، ސެކިއުރިޓީ ކަމަށެވެ.

މެއި މަހުގެ 6 ވަނަ ދުވަހު، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއަށް ފަހު ބޭސްފަރުވާއަށް ޖަރުމަނުގައާއި އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އޮކްޓޯބަރ 11ގައެވެ.

ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވުމަށް ދަޢުލަތުން ހަމަޖައްސަވާފައިވާ މ. މުރައިދޫގެ މަރާމާތުކޮށް ނިމިފައެއް ނުވެއެވެ. އެހެންކަމުން އެމަނިކުފާނުގެ ސަލާމަތަށް ކަމަށްބުނެ ސަރުކާރުން މިވަގުތު އެމަނިކުފާނު ބަހައްޓަވާފައި ހުންނެވީ ހޮޓެލް ޖެންގައެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަމިއްލަ ގެކޮޅުގައި ހުންނަވަން ބޭނުންފުޅު ވިޔަސް ސަލާމަތީ ބާރުތަކުން އެކަމަށް ހުއްދަ ނުދޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަލާމަތާއި ގުޅޭގޮތުން އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ އެމަނިކުފާނުގެ ދެ ދަރިކަނބަލުން ކަމަށާއި، ކޮންމެ ފަދަ ސެކިއުރިޓީއެއް ދީގެންވެސް ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ ދެ ދަރިކަނބަލުން އެންމެ ބޮޑަށް އެދޭ ކަންތައްކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.