ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ފުލުހުން ބުނީ، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި، ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދު ކަމަށާއި އޭނާގެ ޕާސްޕޯޓް ނަންބަރަކީ AB4430714 ކަމަށްވެސް ފުލުހުން ބުނެއެވެ.

އިބްރާހިމް މުހައްމަދު، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް 2021 ނޮވެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށް ޙާޟިރުވުމަށް ފުލުހުން ބުނެފައިވެއެވެ.

އެމީހާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަންކަން ކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.