މިސަރަޙައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދިވެހި ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީމާ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް އައު ހިތްވަރަކާއެކު ސަރަހައްދުން ޓީބީ ނައްތާލުމާ ގުޅޭ ހައިލެވެލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ 2025 ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރައްވާފައެވެ.

އަދި މިސަރަޙައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަމަށާއި އަދި ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ މިބައްދަލުވުމުގައި މިސަރަޙައްދުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި، ޚާއްސަ މަންދޫބުންނާއި، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މިސަރަޙައްދުން ޓީބީ ނައްތާލުމާއި، ޓީބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސިއްޙަތާ ބެހޭ ވަޒީރުން"ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް" އެއްގައި ވަނީ ސޮއިކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެގޮތުން، 2030 ވަނަ އަހަރު ޓީބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރުންވަނީ މިސްޓޭޓްމަންޓްގައި އެއްބަސްވެވަޑައިގެންފައެވެ.