2014 ވަނަ އަހަރު ވަޅިން ހަމަލާދީ މަރައިލި ކ. ތުލުސްދޫ، ބިޖިލީހިޔާ، އަލީ ޝިހާމް މަރައިލި ކަމުގެ ކުށް ސާބިތުވި، އެރަށު ރެޑްރޯޒް މުހައްމަދު ނިޔާޒުގެ މައްޗަށް ކްރިމިނިލް ކޯޓުން އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.

ނިޔާޒުގެ ފަރާތުން ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކޮށްފައިނުވާތީ، ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

މިއަދު ހައި ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ވަނީ ތަހުގީގުގައްޔާއި ދަށު ކޯޓުގެ ޝަރީއަތުގައިވެސް ނިޔާޒު ކުށަށް އިއުތިރާފުވެފައިވާ ކަން ފާހަގަކުރައްވާފައެވެ.

ޝިހާމަށް ހަމަލާދިން ގޮތާއި ހަމަލާދިން ސަބަބު ނިޔާޒު ކިޔައިދީފަވާއިރު ނިޔާޒުގެ އިއުތިރާފަށް މައްސަލާގައި ހުށަހަޅާފައިވާ އިތުރު ހެކިތަކުން ބާރުލިބޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނިޔާޒް ޝިހާމަށް ހަމަލާދިނީ މެރުމުގެ ގަސްތުގައި ނޫންކަމަށް އޭނާ ބުނި ނަމަވެސް، ހަމަލާދިނުމަށް ބޭނުންކުރީ ތޫނު ހަތިޔާރެއް ކަމުގައިވާތީ އެ ކަމުން އެއީ މެރުމުގެ ގަސްތު އޮވެގެން ހިންގި އަމަލެއްކަން ސާބިތުވާކަމަށާއި، އޭނާ އެކަން ކުރީ ގަސްތުގައިކަން ނަފީކުރާނެ ހެއްކެއް ޝަރީޢަތަށް ފެނިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އަދި، މަރުގެ މައްސަލަ ތަކުގައި ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށާއި، މަރައިލެވުނު ފަރާތުގެ ވާރިސުން މާފުނުކުރާނަމަ އެއީ މަރުގެ އަދަބު ކަމަށާއި، އެހެންނަމަވެސް ޝިހާމުގެ ވާރިސުންގެ ތެރޭގައި ކުޑަކުދިން ތިބުމާއެކު ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފަނދިޔާރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބެއްލަވާފައިވަނީ، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.