ހާއްސަ ހާލަތްތަކުގައި ތިބި ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންނަމަ، ދަރަނި އަދާކުރުމުގައި ހުރި ގޮންޖެހުންތައް ފަދަ މައްސަލަތައް ހައްލުކުރަން ޖެހޭކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ "ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ"ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ދަރަނި ދެއްކުން މެދުކަނޑާލުމުގެ އިނީޝިއޭޓިވް އިތުރު އެއް އަހަރަށް އިތުރުކުރުމުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެން ފައިދާކުރާނެ ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް ޖީ20 ސަމިޓަކީ މިކަމަށް އޮތް މުހިއްމު ހައްލަކަށް ވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު އަމާޒު ހިފާފައިމިވަނީ، ކޮޕް25 އިން ފެށިގެން ކޮޕް26ގެ މަގުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަނެ، ހީނަރުވެފައިވާ ދާއިރާތަކުން ކުރިއެރުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން ލިބުނު ފިލާވަޅުތަކަށް ރިޔާއަތްކުރުމަށް ކަމަށާއި، އޭގެސަބަބުން އެންމެންގެ އެއްބާރުލުން ލިބިގެން ކުރެވިދާނެ އެންމެ ފައިދާހުރި އަދި އީޖާދީ ބައެއް ހައްލުތަކަށް އަލިއަޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި މުހިންމު ހަތަރު ކަމެއް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ބޮޑުކަމުގައި ވީނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު، އެކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކަށް ބޭނުންކުރަން ހުރި ވަސީލަތްތައް މިބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންކޮށްފައިވާކަން ވެސް ފާޙގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އަދި އެންމެ މުހިއްމު ރިކަވަރީ މިހާރު ކުރިމަތީގައި އޮތް އިރު ރިކަވަރީގެ ހުރިހާ ފަންޑަކީވެސް ތިމާވެއްޓާ ރައްޓެހި ފައިސާކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި، އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ގައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވެފައިވާ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.